ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ވ. ފެލިދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށް ކަމަށާއި ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށެވެ. އަދި މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށާއި، އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭކަމަށް ވިދާޅުވި އެވެ.
ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭ ކަމަށާއި ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްޤީކޮށް، އެމީހަކަށް ޙައްޤު އިޙުތިރާމާއި ޢިއްޒަތް އަނެކާއަށްވެސް ޙައްޤުވާނޭކަން ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުން ކަމަށްވެސް ވިދާޅުވި އެވެ.
އަދި ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، ދުރުހެލިވާންޖެހޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމަށާއިމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށްވާއިރު ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ ޤާނޫނާ ބެހޭގޮތުން ގޮތް ނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އިލްތިމާސްކުރައްވާފަ އެވެ.