ކޮންމެ ތަނަކުން ބަޔާންތައް ނެރުނަސް ފަރުވާލެއް ނެތް ކަމަށާއި ރާއްޖޭގައި ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. ފެލިދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކުރަން އުޅެނީ ކަމަށް ބުނެ ފަތުރަނީ ފިތުނަ ކަމަށާއި ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށް ވުރެ ވެސް ނުބައި ކަމެއް ކަމަށް ގުރުއާނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުން. ދެން ގުރުއާނަށް ވެސް ގޮންޖަހާލާފައި ލިޔަންވީތޯ ހަމަ؟ ނުކުރެވޭނެ އެކަމެއް، މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތަނަކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާތްﷲ ގަންދީ ހުވާކޮށްގެން ހުންނެވީ އިސްލާމްދީނާއި އެއްގޮތަށް ކަންކަން ގައުމުގައި ކުރުމަށް ކަމަށެވެ. އެކަން ކުރުމުގައި ވަރަށް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށާއި އެކަމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ކުރެވޭ ކަންކަމަކީ ގައުމުގައި އޮންނަންޖެހޭ ހަމަތައް ގާއިމުކުރުމަށް ކުރެވޭ ކަންތައްތައް ކަމަށްވެސް ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިއޮތީ ހަމަ ތަންމިނަށް ފުޅަލަށް. އިސްލާމުންނަށް ވީތީ މިއޮތް ހަމަތައް ފޮލޯކުރަންޖެހެނީ. އެއްގޮތަކަށް ވެސް ނޫޅެން އެއްވެސް މީހެއްގެ ސޯޝަލް މީޑިއާ ބޭން ކުރާކަށް. ޒުވާނުންގެ އެކި ކަހަލަ ޕްލެޓްފޯމުތައް މަނާކުރާކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކުން ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެ ގާނޫނުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމުވާނީ ތެދު ހަގީގަތް ހޯދައިގެން ހަގީގަތް ގަބޫލުކޮށްގެން ކުރިއަށްދާ މުޖުތަމައުއަކަށް ވެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.