Last Updated: July 7, 03:23
Monday, July 6, 2026
ދުނިޔެ

ޕޯޗުގަލް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

ޕޯޗުގަލް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތައްޔާރުވެއްޖެ އެވެ.

ޕޯޗުގަލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން މާދަމާ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި 10 ވަރަކަށް ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، ފްރާންސް އާއި ކެނެޑާ ފަދަ ގައުމުތައް ހިމެނެ އެވެ.

ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅޭ "ނިއުޔޯކް ޑެކްލެރޭޝަން" އދ.ގެ އާންމު މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.

އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.