Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

އަދިވެސް އޭޓީއެމް ހުޅުވާނެ، އެމްޑީޕީއަށް މަސްފެކްޓްރީއެއް ވެސް ނުހުޅުވުނު

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރައްޔިތުންނަށް ދަތިވެ، ތަކުލީފަކަށް ވެފައިވާ ކޮންމެ ކަމަކަށް އަވަސް ޙައްލެއް ހޯއްދެވުމަށް ރައީސް މުޢިއްޒު ރެޔާއި ދުވާލު ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން އޭޓީއެމްގެ ޚިދުމަތް ރަށުން ލިބުން، ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓް ކުރެވުން އެއީ އާދައިގެ ކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކަށް ހީވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރު މިކަންކަންކުރުން ހުއްޓާލާނެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

"އައިނު ފިހާރަ، އެއާ އެމްބިއުލާންސް، ޑައެލިސިސް ސެންޓަރުތައް އިތުރުކޮށް، 23 ބާވަތުގެ އަސާސީ މުދާ ކަނޑައެޅުން، ސިޔާސީ ފަރާތްތަކަށް އާދައިގެ ކަންކަމަށް ވެދާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ވޭޕް މަނާކުރުން އެމްޑީޕީއަށް ގޯސްވެ ވެރިކަން ލިބިއްޖެނަމަ، ފުރަތަމަ ދުވަހު އެކަން ހުއްދަކޮށް، ސިނގިރޭޓު ބޮޑުތަނުން އަގުހެޔޮކުރަން ވަޢުދުވާއިރު، ވެރިކަން ކުރިންވެސް ލިބި މިއިން ކަމެއް ރަނގަޅުކޮށްލުމުގެ ބަދަލުގައި އިހުތިޔާރުކުރީ ފަސޭހަގޮތް ކަމަށެވެ. އޭގެ ނަތީޖާއަކީ ސަލާމަތް ނުވާ ވަރަށް ޤައުމު ދަރުވާލުމާއި، ހިތުހުރި ވަރަކަށް ފައިސާ ޗާޕްކޮށް ރުފިޔާގެ އަގުވައްޓާލުން ކަމަށް ސައީދު ވިދާޅުވި އެވެ.

އަދި ވެރިކަމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނުމުން، އެޖެންޑާ 19 ތަފާތުވާނޭ ކިޔާފައި، އެމްޑީޕީ ތެރޭގައި އޮތް ދެ ފެކްޝަނުން ދިޔައީ ޒުވާބަކަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"ކުޑަމިނުން ހުޅުވުނު ގޭދޮށު މަސް ފެކްޓަރީއެއް ވެސް ނެތްތާ، ބްރިޖެއްގެ ތަނބުވެސް ޖަހާނުލެވުނު. އަދިވެސް އޭޓީއެމް ހުޅުވުން އިތުރުވާނެ. ބާރަށް ކުރިއަށް،" ސައީދު ވިދާޅުވި އެވެ.