އަންނަ އަހަރު ބާއްވާ 98 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް "ހޯމްބައުންޑް" ހޮވައިފި އެވެ.
މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑްޝަނަނަށް ނީރަޖް ގިއަވަން ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. އޭނަ އަކީ ކްރިޓިކުންނާއި ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ހޯދި 2015 ގެ "މަސާން" ގެ ވެސް ޑައިރެކްޓަރެވެ.
"ހޯމްބައުންޑް" އަކީ އެ ފިލްމަށް ނޫރިޖް ގެނެސްދޭ ފުރަތަމަ ފީޗާ އެވެ. އަންނަ އަހަރުގެ އޮސްކާ އަށް އެ ފިލްމު ފޮނުވަންފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ނީރަޖް ވަނީ މިކަން ގަބޫލު ކުރަން އަދިވެސް ދަތިވެފައި ހުރި ކަމަށް ބުނެފަ އެވެ.
ވަރަށް މޮޅު އަދި ވިސްނުން ތޫނު ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނީރަޖްގެ "ހޯމްބައުންޑް" ގެ މައިގަނޑު ތަރިންނަކީ ޒުވާން ތަރިންތަކެއް ކަމަށްވާ އިޝާން ޚައްތަރާއި ޖާންވީ ކަޕޫރްގެ އިތުރުން ވިޝާލް ޖެތުވާ އެވެ. މި ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރެނީ ހުވަފެންތަކރެއް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ ދެ އެކުވެރިންގެ ވަށައިގެންނެވެ.
"ހޯމްބައުންޑް" އަކީ ދާދި ފަހުން ބޭއްވި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޓީއައިއެފްއެފް) އާއި މި އަހަރުގެ ކުރީކޮޅު ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމެކެވެ.
މި ފިލްމު އަންނަ އަހަރުގެ އޮސްކާ އަށް ފޮނުވަން ނިންމުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މިޑިއާގައި ފިލްމުގެ ޓީމަށް މަރުހަބާ ކިޔަމުންނެވެ.
މި އަހަރު ބޭއްވި އޮސްކާ އެވޯޑަށް އިންޑިއާ އިން ފޮނުވި ފިލްމަކީ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކުރި "ލާފަތާ ލޭޑީސް" އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ މާޗް 15 ގަ އެވެ.