ޝާހްރުކް ޚާނާ އެކު ހަ ވަނަ ފިލްމެެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފިލްމަކީ "ކިންގް" ކަން ބަތަލާ ދީޕިކާ ޕަދްކޯން ކަށަވަރުކޮށް ދީފި އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގެ ކާސްޓްގައި އޭނަ ހިމެނޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން މިއީ ރަސްމީކޮށް އެ ވާހަކަ ދީޕިކާ ފޭނުންނާ ރޭ ހިއްސާކުރި ފުރަތަމަ ފަހަރެވެ. އެގޮތުން "ކިންގް" ގެ ޝޫޓިންގެ ތެރެއިން ޝާހްރުކާ އަތުގުޅާލައިގެން އިންނަ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް އޭނަ ބުނީ މީގެ 18 އަހަރު ކުރިން ފިލްމީ ދާއިރާ އަށް ނުކުތް އިރު ޝާހްރުކް ނަގައިގެން ދިން 'ފިލާވަޅު' އޭނަގެ ކެރިއަރުގައި މިހާތަނަށް ތަންފީޒު ކުރަމުން އައިސްފައިވާ ކަމަށެވެ.
އެހެންވެ މި ދަތުރާ އެކު މިހާރު މިއޮތީ ދެ ތަރިންނަށް އެކީގައި 6 ވަނަ ފިލްމަކާ ހަމައަށް އާދެވިފައި ކަމަށް ހުނަރުވެރި، ކާމިޔާބު ބަތަލާ ބުންޏެވެ.
ދީޕިކާގެ ފުރަތަމަ ފިލްމަކީ ޝާހްރުކާ އެކު ކުޅުނު ޑައިރެކްޓަރު ފަރާ ޚާންގެ 1997 ގެ "އޯމް ޝާންތީ އޯމް" އެވެ. އެ ފިލްމުން އޭނަ ވަރަށް ބޮޑަށް ވިދާލައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާއަށްވި އެވެ.
ޝާހްރުކާއި ދީޕިކާ އެކީގައި އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ "ޖަވާން" އިންނެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި އެ އަހަރުގެ "ޕަތާން" އާއި 2013 ގެ "ޗެންނައި އެކްސްޕްރެސް" އަދި 2014 ގެ "ހެޕީ ނިއު އިޔާ" ވެސް ހިމެނެ އެވެ.
ޝާހްރުކާއި ދީޕިކާ އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ.
"ކިންގް" ގެ ކާސްޓްގައި އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ހިމެނޭކަން ކަށަވަރުކޮށް ދިން އިރު، ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމަކީ ޖެހިޖެހިގެން ސިދާތާ އެކު ދީޕިކާ މަސައްކަތްކުރާ ތިން ވަނަ ފިލްމުކަމެވެ. ސިދާތު އެންމެ ފަހުން މިދިޔަ އަހަރު ގެނެސްދިން "ފައިޓާ" ގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ. އޭގެ ބަތަލަކީ ރިތިކް ރޯޝަނެވެ.
ސިދާތު ޑައިރެކްޓްކުރި "ޕަތާން" ގެ ކުރިން އޭނައާ އެކު ދީޕިކާ މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު 2008 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ.
އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "ކިންގް" އަކީ ވަރަށް ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ވެސް ހިމެނެ އެވެ. "ކިންގް" ގައި ކާސްޓްގައި އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް އަދި އަބޭ ވަރުމާ ހިމެނެ އެވެ.
ދާދި ފަހުން ޕޮލެންޑްގައި ވެސް ޝޫޓިން ޝެޑިއުކެއް ކުރިއަށް ގެންގޮސްފައިވާ މި ފިލްމަކީ ސިދާތުގެ މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.