އަންނަ އަހަރު ވ. ކެޔޮދޫ ބިން ހިއްކަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އިއްޔެ ވ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން މިއަދު ފުރަތަމަ ރަަށަކަށް ކެޔޮދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ކެޔޮދޫގެ ތަރައްގީ އާއި ކުރިއެރުމަށް ބިމުގެ ޖާގަ ބޭނުންވާތީ ބިން ހިއްކަން ޖެހޭ ކަމަށެވެ.
އެހެންވެ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދު ވަނީ ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި އެ ރަށުގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
އެ މަޝަރޫޢުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އަލަށް ޤާއިމުކުރާ ޞިއްޙީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެ ކަމަށާއި އެތަން ނިމޭ އިރު 20 އެނދު ހުންނާނެ ކަމަށެވެ. އަދި ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގަ އާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.
ކެޔޮދު އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވާތީ އަންނަ ކަން އަހަރުގެ މާޗް މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައި ދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.
މިއަދު ވަނީ ކެޔޮދޫ ކައުންސިލް އިދާރާގެ ބިންގާ ވެސް އަޅައިފަ އެވެ.