މި ފަހުން ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު ބޮޑުވެފައި ވަނީ ބައެެއް ވިޔަފާރިތަކުން ސިޔާސީ ބޭނުމެއްގައި އެކަން ކުރާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. ފެލިދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ގެންނަން ސަރުކާރުން ނިންމީ ވެސް އެ ތަކެތީގެ އަގު ބޮޑުކުރަން ފެށުމުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށް ނިންމެވި ނިންމެވުމަށް ކަމަށް ވިދާޅުވި އެވެ.
"އިހަަށް ދުވަހު ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގު ބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު،" ރައީސް ވިދާޅުވި އެވެ. "އޭގެ މާނައަކީ މީގެ ދެތިން ދުވަސް ކުރިން ބޭންކު ރޭޓްގައި ޓީޓީ ހަދަން ޑޮލަރު ނުލިބުން ރަނގަޅުކޮށް ދިނީތޯ. ހަމަ އޭރުގައި ވެސް ލިބޭ ރަނގަޅަށް."
ރައީސް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި "އޯގަނައިޒްކޮށް" ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންކަން ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ކުރާ ތަން ބަލަން ލޯމަރައިގެން ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ދެނެއް އެގޮތަކަށް ސިޔާސީ ބޭނުމެއްގައި ތަކެތި އަގުބޮޑެއް ނުކުރެވޭނެ. އެކަމެއް ކުރުމުގެ ފުރުސަތެއް މޭވާއާއި ތަރުކާރީއާ މި ދެންނެވި ތަކެތި ލިބިގެން ނުދާނެ،" ރައީސް ވިދާޅުވި އެވެ. "އެޔަގީންކަން ރައްޔިތުންނަށް އަޅުގަނޑު އަރުވަން."