ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް، އަލަތު ދަރިފުޅަށް ބަލިވެއިންކަން މިހާރު ކަށަވަރު ކަމަށް ބުނެ ވިހާނެ ކަމަށް ލަފާކުރާ މުއްދަތެއް ވެސް މީޑިއާތަކުން ހިއްސާކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ވިހާނީ އަންނަ މަހުގެ 15-30 އާ ދޭތެރޭގައި ކަމަށެވެ. އެހެންވެ ދަރިފުޅަށް މަރުހަބާ ކިޔަން އާއިލާ އިން ވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ކެޓްރީނާ، 42، އާއި ވިކީ، 37، ކައިވެނިކުރީ 2021 ގަ އެވެ.
އޭގެ ފަހުން އެކި ފަހަރު މަތިން ކެޓްރީނާ ބަލިވެއިންކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް މިހާރު އޭނަ ބަލިވެއިން ކަށަވަރު ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ދެމަފިރިންގެ ފަރާތުން މިހާތަނަށް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އެކަމަކު މި ފަހުން ކެޓްރީނާ އެއްވެސް ވަރަކަށް ބޭރުތެރެއިން ނުފެނުމާއި ޕަޕަރާޒީންގެ ކެމެރާތަކުގެ ލެންސަށް ވެސް ނާރާތީ އޭނަ މިހާރު ބަލިވެއިންކަމަށް ދެކެވޭ ވާހަކަ ގަބޫލު ކުރެވޭތީ، ފޭނުން ވެސް މިހާރު ތިބީ އޮކްޓޯބަރުގެ އިންތިޒާރުގަ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.
އެ ފިލްމަށް ފަހު އޭނަ އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އެހެންވެ މިއީ ވެސް ދަރިއަކަށް ޕްލޭންކޮށްފައި އޮތުމުގެ ސަބަބެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އަދި ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ވިކީއާ ކައިވެނި ކުރުމުގެ ކުރިން ވެސް ކެޓްރީނާ މަޝްހޫރު އެހެން ދެ އެކްޓަރަކާ ރައްޓެހިވި އެވެ. އެއީ ބަތަލާ އާލިއާ ބަޓްއާ ކައިވެނިކޮށް މިހާރު ދެ އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރި ރަންބީރް ކަޕޫރާއި މިހާތަނަށް އެއްވެސް ކައިވެންޏެއްކޮށް ނުވާ ސަލްމާން ޚާނާ އެވެ.