Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ފިލައިގެން އުޅުނު ޝަހީބު އުމުރަށް ޖަލަށް

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ، ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އާއި އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.

މި މައްސަަލަތަކުގައި، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލައިގައި ޝަހީބުގެ މައްޗަށް ހުކުމް އިއްވާފައިމިވަނީ މައްސަލައިގެ އަޑުއެހުމަށް ޝަހީބު ހާޒިރުނުވެގެން މިދިޔަ ހަފުތާގައި ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްގެންނެވެ.

އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.