Last Updated: July 6, 21:47
Monday, July 6, 2026
ކުޅިވަރު

ފަސް މެޗުން ލިވަޕޫލަށް ފަސް މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ލީގުގައި ކުޅުނު ފަސް ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޔަން ގްރެވެންބާޗް އެވެ. މިއީ މުހައްމަދު ސަލާހު ދިން ޕާހަކުން އެވަޓަންގެ އޭރިއާ ތެރޭ ހުރެ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި ގްރެވެންބާޗް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 29 ވަނަ މިނެޓްގައި ލިވަޕޫލްގެ ފްރާންސްގެ ފޯވާޑް ހޫގޯ އެކިޓީކޭ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި އެވަޓަން އިން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 58 ވަނަ މިނެޓްގައި އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 58 ވަނަ މިނެޓްގައި މި ގޯލު އެވަޓަން އަށް ކާމިޔާބުކޮށްދިނީ އިދްރީސާ ގާނާ ގޭއި އެވެ.

މި ގޯލަށް ފަހު ނަތީޖާ އެއްވަރުކުރަން އެވަޓަން އިން މަސައްކަތްކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ.