Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު އަލުން ފަށަނީ

ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު، އަލުން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފީއަލީ ރައްޔިތުންނާއި ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫޢު ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި، ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭ ކަމަށް ވިދާޅުވި އެވެ.

ފ އަތޮޅު މަދަރުސާގައި މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ، ރަށުގެ ތަރައްޤީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންނާ ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫޢުތައްވެސް އެއްވާނެއްގައި ގޮސް ނިންމާލުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ފީއަލީ އައިސްޕްލާންޓާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމަށް ޙައްލެއް ހޯދުމުގެ މައްޗަށްވެސް ރައްޔިތުން ވާހަކަދައްކާފައިވެ އެވެ.

ރައްޔިތުން އަލިއަޅުވާލި ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢާއި، މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީގޮތުން މިއަދު ވަނީ ފަށައިފަ އެވެ.