ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއާޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށް ކަމަށެވެ.
އަދި މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މި އެއާޕޯޓުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓަކީ ރަށުގެ ތަރައްގީއަށާއި އަތޮޅުގެ ތަރައްގީއަށް ވެސް ކޮންމެހެން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ނިލަންދޫ، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެންމެ މުހިންމު ކަމަކަށް ވާނީ އެއާޕޯޓުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.