Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޑްރަގު މައްސަލަ ހައްލުކުރަން މޫނަކަށް ކަނދުރާއަކަށް ނުބަލާނަން

ރާއްޖޭގައި ދިމާވެފައި އޮތް ޑްރަގުގެ މައްސަލަ ހައްލުކުރަން "މޫނަކަށް ކަނދުރާއަކަށް" ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި މިކަމުގެ އަޑިއަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެމީހާއަކީ ކާކުތޯއެއް ނުބަލަން. މިއަދު ފެންނާނެ 130 ކިލޯގެ ޑްރަގު އެތެރެކުރި މީހެއް، އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ހިފައި ހައްޔަރުކޮށް ގާނޫނު ކުރިމައްޗަށް ގެންދިޔާމަ މިއަދު އެވަނީ ހުކުމްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެކުރިން މިފަދަ ކަންކަމުގައި ސަރުކާރުގެ ނިޒާމުގެ ތެރެއިން އަބަދުވެސް އޮންނަނީ ފަހަތު ފަޔަށް ބުރަވެފައި ކަމަށެވެ.

"އެމީހާއަށް ބަލާފައި އެހެން ގޮތެއް ހަދަނީ. އެހެން ނަމަވެސް މި ސަރުކާރަކުން ނަހަދާނެ އެހެނެއް،" ރައީސް ވިދާޅުވި އެވެ.

ޑްރަގުގެ މައްސަލަ އިތުރަށް ވަރުގަދަކޮށް ބެލުމަށްޓަކާ ކަމާގުޅޭ ގާނޫނު ވެސް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރާނީ އެއްވެސް ވަރަކަށް ދޫ ނުދީ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މިގޮތަށް މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.