Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 8،609 ބިދޭސީން ޑީޕޯޓުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 8،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8،609 މީހުން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.