އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ޗެލްސީ ބަލިކޮށްފި އެވެ.
މިއީ ޗެލްސީ މި ފަހަރުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. ޔުނައިޓެޑުން ވަނީ ފަސް މެޗު ކުޅެގެން ދެ ވަނަ މޮޅު ހޯދައިފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސް ވަނަ މިނެޓްގައި ޗެލްސީގެ ގޯލްކީޕަރު، ރޮބާޓް ސަންޗޭޒަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. މި ރަތްކާޑު ސަންޗޭޒަށް ދެއްކީ ޔުނައިޓެޑްގެ ބްރަޔަން އެމްބުއޭމޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ޗެލްސީ އަށް ރަތްކާޑު ދެއްކިތާ 9 މިނެޓް ފަހުން ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ފެނާންޑޭސް، ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ގޯލެވެ. އަދި މެޗުގެ 37 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކަސެމީރޯ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުން ޔުނައިޓެޑުން ވެސް މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުލަމް އިން 3-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 2-1 އިން ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި ލީޑްސް ޔުނައިޓެޑުން ވަނީ 3-1 އިން ވުލްވްސް ބަލިކޮށްފަ އެވެ.