Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މަގޫދޫ އެއާޕޯޓް ގެ މަސައްކަތް އެއް އަހަރުތެރޭ ނިންމާނަން

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

މަގުދޫގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި، މަގޫދޫ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން އެދިވަޑައިގަތެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫޢު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެ ވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފ. މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މަގޫދޫގައި ތަތައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދުވަނީ އަޅުއްވާފައެވެ.