Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

ނޫސްވެރިން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން. ފޮޓޯ/ މިހާރު

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި އެވެ.

ޤާނޫނުގައިވާ ގޮތުން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެ ފަސް މެމްބަރުންނަކީ:

1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ

2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ

3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ

4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ

5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)

ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަގުތީ ކޮމިޓީއަށް ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މަސައްކަތްތަކަކީ ކޮމިޝަންގެ އިދާރީ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިތުރުން މީީޑިއާތައް ރަޖިސްޓަރީކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުމެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ.