ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެމްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
ވެމްކޯއާ ހަވާލުކުރި ތިން މަޝްރޫއު އަކީ ތ. ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އިތުރުން ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތެވެ.
މީގެތެރެއިން ގުރައިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި، މަޑިފުށީ ސިއްހީ މަރުކަޒަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމާށެވެ. ގާދިއްފުށީ އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުން ނިންމާ ގޮތަށެވެ.
ޞިއްޙީ ވުޒާރާގައި މިކަމަށްޓަކާ ބޭއްވި ޙައްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮައިކުރެއްވީ ޖެނެރަލް މެނޭޖަރު، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިން އިސްމާޢިލް އުބައިދެވެ.