Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

އައު ޓާމިނަލުން ބެއިޖިން ކެޕިޓަލް އަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިނެވެ.

ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިންއެކެވެ.

ޓާމިނަލް 1 އިން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން, ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން, ބިއޯންޑް, ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން, ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.