ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އޮގަސްޓު މަހުގެ ތެރޭގައި ޑެންގީ ހުމުގެ 250 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 194ގަ އެވެ.
އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 32،247 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
އަދި އޮގަސްޓު މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 7،378 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،536 ކޭސް ރިޕޯޓްކުރި އެވެ.
އަރިދަފުސް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށް އިލްތިމާސްކޮށްފަ އެވެ. ނިވާކުރުމަށް ޓިޝޫއެއް ނެތްނަމަ، މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުމަށާއި ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލައިލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމައެއާއެކު ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އިސްތިމާސް ކުރެ އެވެ.