އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމީ ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވައި އަދި ދެ ދައުލަތުގެ ހައްލު ހޯދައިދޭން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ދެ ދައުލަތެއް ހޯދުމުގެ އުއްމީދު ފަނޑުވަމުންދާ ކަމަށާއި އެކަން އެގޮތަށް ވާން ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ސްޓާމާ ވަނީ ފަލަސްތީނުގައި ދެން އުފެދޭ ސަރުކާރެއްގައި ހަމާސް ޖަމާއަތުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހަމާސްގެ އެއްވެސް ރޯލެއް ފަލަސްތީނުގައި އޮވެގެން ނުވާނެ ކަމަށް އޮސްޓްރޭލިއާ އިން ވެސް ބުނެފައިވާއިރު، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ދުވަހަކު ވެސް ގާއިމުނުކުރެވޭނެ ގޮތަށް އިޒްރޭލުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އިޒްރޭލުގެ ސިޔާސަތަކީ ވެސް މިހާރު އެއީ ކަމަށެވެ.
ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމީ އެގައުމުގެ ރައްޔިތުންނަށް އަމާން ސުލްހަވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށްވެސް ކާނީ ވިދާޅުވި އެވެ.
ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން އިއުލާންކުރަން ޔޫރަޕްގެ އިތުރު ގައުމުތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ފްރާންސް އާއި ބެލްޖިއަމް އަދި ޕޯޗުގަލް ހިމެނެ އެވެ.
އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.