ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ. މި އޮޕަރޭޝަން ފެށުމުގެ ގޮތުން އިމިގްރޭޝަނާއި ފުލުހުންގެ އިސްވެރިން ވަނީ މިކަމުގައި ބައިވެރިވާ އޮފިސަރުންނަށް މައުލޫމާތު ދީފަ އެވެ. މި އޮޕަރޭޝަނުގައި ފުލުހުންނާއި އިމިގްރޭޝަނުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ އެވެ.
ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ބޭރު މީހުންގެ މައްސަލަ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި އާންމު ރައްޔިތުން ކުރާ ވިޔަފާރިތަކަށް ވެސް އަސަރުކުރަމުންދާ ކަމަށެވެ. އެގޮތުން ބިދޭސީން ނުގަވައިދުން ދިވެހިން ހިންގާ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވެސް ވަންނަމުންދާ ކަމަށާއި މާލެ އާއި ހުރިހާ ރަށެއްގައި ވެސް މިގޮތަށް މިކަން ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސައި، މިއަދުން ފެށިގެން މުޅި ރާއްޖޭގައި ނުގަވައިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ބަންދުކޮށް އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ޑީޕޯޓުކުރަން ހާއްސަ އޮޕަރޭޝަނެއް މާދަމާ ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އެ އޮންނަ ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން. އެއީ ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުސަތުތައް. އެ ފުރުސަތުތަކުގެ ތެރެއަށް މި ވަންނަނީ ނުގަވައިދުން ބޭރު މީހުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހި ރައްޔިތުން ވަޒީފާގެ ފުރުސަތުތައް ބޭނުންވެފައި ތިބިއިރު، އެފަދަ ފުރުސަތުތައް ނުގަވައިދުން ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ނުދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.