މ. ވޭވަށުގެ ތަރައްގީ އަށް ކުރިން ހުރި ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވޭވަށު ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ކައުންސިލާއި ރައްޔިތުން ވަނީ، ރަށުގެ އާންމު އިޖުތިމާއީ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން އެކި ކަހަލަ ކުޅިވަރުތައް ކުޅޭނެ ދަނޑުތައް ތަރައްޤީކޮށްދެއްވުމަށާ، ފަތުރުވެރިކަމަށް ފަހި ވެއްޓެއް ގާއިމުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރަށު ކައުންސިލާއި ރައްޔިތުން ވަނީ ރައީސަށް ދަންނަވާފަ އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވުމަށާއި، ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ރައްޔިތުން ވަނީ ރައީސްގެ އެރިހުން އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން، ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލުގެ ޖާގައިގެ ދަތިކަމަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވެފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ހެލްތު ސެންޓަރުގެ ތަރައްޤީގެ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެންދާނެ ރައީސް ވިދާޅުވި އެވެ. އަދި އަމާޒަކީ އެކި މަރުހަލާތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައްވެސް، މި އަހަރާއި އަންނަ އަހަރުގެ ކުރީކޮޅަށް ނިންމެވުން ކަމަށް ވިދާޅުވި އެވެ.