އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އދ ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ މީގެ ފަސްދޮޅަސް އަހަރުކުރިން ރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުން އެއީ، ރާއްޖެއަށް ލިބުނު އުއްމީދަކާ އަޒުމެއް ކަމަށެވެ. އަދި އެއީ، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާއި ގުޅުން ބަދަހިކުރުމަށް ލިބުނު ބާރެއް ކަމަށާއި މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އދ. ގައި އަދާކުރާ ރޯލް ފާހަގަކުރައްވައި، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ. ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސް އާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުން ފާހަގަކުރެއްވި އެވެ.
އަދި ރާއްޖެއިން އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް ލިބުނު އުއްމީދެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއިން އދ ގައި ދައްކާފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުންއަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ގޮވާލެއްވި އެވެ.
އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދ. އާއި އެހެން ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ހެއްކެއްގެ ގޮތުން، މިހާރު ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ފާހަގަކުރައްވައި އެކަމުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ގޮތެއް ނިންމުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.