Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

އަންނަ ބަޖެޓުގެ ބޮޑުބައި ޑިޖިޓަލައިޒޭޝަނަށް ހާއްސަކުރަނީ

އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށް ކަމަށެވެ.

މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްޤީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށާއި 20 އަހަރުގެ ތަރައްޤީގެ މާސްޓާ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް ރައީސް ވިދާޅުވި އެވެ. މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްޤީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ޚިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްޤީ އެކޮޅުކޮޅުން ޖެހުނަ ނުދިނުން ކަމަށާއި އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓާ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާ ރައީސް ހާމަކަރެއްވި އެވެ.

އަދި މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްޤީ އާއި ހަމަޖެހުން، ރާއްޖޭގައި ޤާއިމުކުރެއްވުން ކަމަށް ވިދާޅުވި އެވެ.