Last Updated: July 6, 21:47
Monday, July 6, 2026
ދުނިޔެ

ޕޯޗްގަލް އިންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

ޕޯޗުގަލް އިން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި އެވެ.

ޕޯޗުގަލްގެ ފޮރިން މިނިސްޓަރު ޕައުލޯ ރަންޖެލް ވިދާޅުވީ ޕޯޗުގަލް އިން ވަކާލާތު ކުރަނީ ދެ ދައުލަތުގެ ހައްލަކަށް ކަމަށާއި އެއީ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ހަނގުރާމަށް ނިމުމަކަށް އަންނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ފަލަސްތީނުގެ އެއްވެސް ހިސާބެއްގައި ހަމާސް ޖަމާއަތުގެ ކޮންޓްރޯލް އޮވެގެން ނުވާނެ ކަމަށާއި އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ޕޯޗުގަލްގެ އިތުރުން އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާ އިން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފަ އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން އިއުލާންކުރަން ޔޫރަޕްގެ އިތުރު ގައުމުތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ފްރާންސް އާއި ބެލްޖިއަމް އަދި ޕޯޗުގަލް ހިމެނެ އެވެ.

އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.