Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، މި ކައުންސިލް އުފައްދަވާފައިވަނީ، "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަޤްޞަދުގައި ކަމަށެވެ.

މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ.

މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.