Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން އެދިއްޖެ

މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ސަރުކާރުގައި އެދިއްޖެ އެވެ.

ރަތްމަންދޫ ރައްޔިތުން މިކަމަށް އެދިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރަތްމަންދޫ ސްކޫލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރަތްމަންދޫއިން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކާއި، ރަށުން ބަދަލުވާން ބޭނުންނުވާ ފަރާތްތަކުން ވަނީ އެމީހުންގެ ޚިޔާލު ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ޚަރަދުކުޑަ ފައިދާކުރަނިވި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި، ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުންއެކަމަށް ބޭނުވުމާއި، އަދިވެސް އެހެނިހެން ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށާއި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން، ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމަވައިފިނަމަ، ބަދަލުވާ ރަށެއްގައި މީހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން މަޝްރޫޢެއް ކުރިއަށް ގެންގޮސްދެވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.