Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޮޅުވާ ޓީމަކަށް 10،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ހުށަހަޅާފައިވާ މި ޗެލެންޖަކީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ. މި މުބާރާތުގެ މަގުސަދަކީ، މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް އިސްލާމިކް ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

މުބާރާތް ކުރިއަށްދާނެ ގޮތަށް ބަލާއިރު، މުބާރާތުގައި 6 އޮންލައިން ބުރު ހިމެނޭނެކަމަށާއި، މި ބުރުތަކުގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑަރބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި ކޮންމެ ޓީމަކުންވެސް ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް އައްޔަނުކުރަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އޮންލައިން ބުރުތަކުން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ހާޒިރުވެގެން ބޭއްވޭ ފައިނަލް ބުރަށްކަމަށް އެމްއެމްއޭއިން ބުނެއެވެ.

މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ހައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓު އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދީފައިވެއެވެ.

މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެވަނައަށް އަންނަ ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ޓީމަށް 5،000 ރުފިޔާ ލިބޭނެއެވެ.

މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، https://shorturl.at/awZ9B މެދުވެރިކޮށް މުބާރާތުގައި ބައިވެރިވެނޭނެ ކަމަށާއި، އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ [email protected] މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.