Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ބަޓިކް އާއި ބެންކޮކް އެެއާވޭސްގެ ހިދުމަތް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އާއި ބަޓިކް އެއާ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އާއި ބެންކޮކް އެއާވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވައިފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސްއެވެ. އަދި މިއަދު ހިދުމަތް ދޭން ފެށި ދެ އެއާލައިން އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.