ދައުލަތުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާންތައް ހުށަހެޅުމުގެ އުސޫލު ހަރުދަނާކުރުމަށް އިސްލާހެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ އެކި މަގާމުތައް ފުރަމުންގެންދާ މީހުންގެ މާލީ ބަޔާނާ ގުޅޭ އުސޫލުތައް އެއްހަމަ ކުރުމަށް އިސްލާހުތައް ހުށަހަޅާ ކަމަށެވެ.
އެގޮތުން ކޮންމެ މަޖިލިސް މެންބަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް އެ މެންބަރަކު ހުވާކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަމީންއާންމަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އަދި މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިހާރު އޮންނަނީ، މެމްބަރުން ހުވާ ކުރާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށެވެ.
ކުޑޫ ވިދާޅުވީ ވަޒީރުން ވެސް މަގާމުގެ ދައުރު ފަށާއިރު އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ކޮންމެ ވަޒީރަކު ވެސް އަހަރަކު އެއް ފަަހަރު، އެ މެމްބަރެއްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ހިސާބުކިތާބާއި ވިޔަފާރީގެ މަސްލަހަތާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަހަރު ކަމަށް މާނަކޮށްފައިވަނީ، މިނިސްޓަރުން ހުވާ ކުރައްވާތާ އަހަރު ވާ ދުވަހެެވެ.
އަދި އެއް އަހަރުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން، މަޖިލީހާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ، އެ ހުށަހަޅަން ދެން ކޮންމެ ދުވަހެއްގެ މުސާރައަށްވާ އަދަދު ކެނޑުމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމަނައި އެ ބޭފުޅުން ވެސް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް އިސްލާހުގައިވެ އެވެ.
އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޗެއާމަނުންނާއި ޗީފް އޮޕަރޭޓިން އޮފިސަރުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ބޭފުޅުން އެ ފަރާތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމަށާއި އެ ބޭފުޅުން ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.