Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

500 މިލިއަނުގެ ސުކޫކު ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދައްކަން ޖެހޭއިރު، ފައިސާ ނުލިބި އެ ސުކޫކު ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ އަށްވަނަ ދުވަހަށް ރާއްޖެއިން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު، އިތުރު ބޮންޑެއް ނަގައިގެން ދައްކަން ސަރުކާރުން މަސައްކަތް ކޮށްފާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން، ބޭރުން އެފަދަ އިންވެސްޓްމެންޓެއް ކޮށްފާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށާއި އަދި މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު 70 ޕަސެންޓް ދަށްވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.

ފިޗްއާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ރާއްޖެއިން އިތުރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ގަންނަން އިންވެސްޓަރުން މިހާރު ޝައުގުވެރިވާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ރާއްޖެއަށް މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ބޮޑު ދަރަނީގެ ސަބަބުން އިންވެސްޓަރުން އިތުރަށް ފައިސާ ދޭން ފަސްޖެހުން އެކަށީގެންވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް މިކަމުން އަރައިގަނެވެން އޮތީ ސަރުކާރުގެ އިގުތިސާދީ ރިފޯމް އެޖެންޑާ އަދި ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި މެދު އިންވެސްޓަރުން ހިތްހަމަޖެހޭނަމަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.