ރާއްޖޭގައި 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓަން ފުރަތަމަ ވައުދުވީ ވަރަށް މަދު ރަށެއްގައި ކަމަށާއި އެއީ އެންމެ ބޮޑަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކާއި އަދި ބައެއް ސިޓީތަކުގައި ކަމަށްވާއިރު، އެކަން މިހާރު ނިމިފައިވާ ކަމަށވެެ.
ލޯކަލް ޓޫރިޒަމް ވިޔަފާރީގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޑޮލަރު އޭޓީއެމް ވަރަށް މުހިއްމު ކަމަށާއި އެގޮތުން އެކަމަށް ވަރަށް ގިނަ ރަށްތަކުން އެދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހަ އާބަން ސެންޓަރުގެ ތެރެއިން މިހާތަނަށް ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ރަށްތަކާއި، ސިޓީތަކުގެ ތެރެއިން ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ސިޓީތަކާއި އަދި ލޯކަލް ޓޫރިޒަމްގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ބީއެމްއެލް އަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"ޖުމްލަ 40 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން، މި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރީގައި. އެކަން އިރާދަކުރެވިއްޔާ ބޭންކު މެދުވެރިކޮށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.