ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، މި ކައުންސިލް އުފައްދަވާފައިވަނީ، "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަޤްޞަދުގައި ކަމަށެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ ކައުންސިލަށް އައްޔަން ކުރެއްވި 9 ބޭފުޅުންނަކީ:
1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު
4- މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް
5- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު
6- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަބްދުالله ފަޔާޟް
7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑޮކްޓަރ މުޙައްމަދު ކިނާނަތު
8- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ޚަލީލް
9- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސަޢީދާ ޢުމަރު
މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ.
މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.