އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 ޑޮލަރަށް މަތިކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ އަހަރީ ދުވަސް ކަމަށްވާ، ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.
އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ގަނެގެން އުޅެންޖެހޭ ކަންތައްތަކުން ރައްޔިތުންނަށް އަރައިގަނެވޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއެކު އާންމު ފަރުދުންގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ޤާނޫނާއެކު ޑޮލަރުގެ ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށައިފަ އެވެ.