Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

އދ. ގެ މައި މަރުކަޒަށް ވަނުމުގެ ފާސް ނަޝީދަށް ހޯދައިދޭން އިންކާރުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައީސް އޮފީސް

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމުގެ ފާސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން އިންކާރުކޮށްފައިވާ ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމަށާއި ދިވެހި ސަރުކާރުގެ އިޖާބަ އާއި ގަބޫލު ނެތަސް، އަދި ނުރުހުނަސް އެމަނިކުފާނަށް ރަސްމީ ހައިސިއްޔަތުން އދ. އަށް ވަނުމާއި އަދި އާންމު އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުޑަވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލުވާނެ މަގުން، އެކި ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެއީ ރާއްޖެއަށް ނުހަނު ލާބަޔާއި މަންފާ އެކަމުން ފޯރާ ކަމެކެވެ. ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައި އދ މައި މަރުކަޒުގެ ފާހާ ގުޅޭގޮތުން ދެންނެވީ އެ ސަބަބަށްޓަކައެވެ" އެ ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ވަނީ ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ ކަމަށްވެސް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.