ޕީއެސްޖީގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ، ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި އެވެ.
ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ، ފްރާންސް ފުޓްބޯލް އިން ދިން މި އެވޯޑް ޑެމްބެލޭ ކާމިޔާބުކުރީ ބާސެލޯނާގެ އުމުުން 18 އަހަރުގެ ލަމީން ޔަމާލްއާ ވާދަކޮށްގެންނެވެ. މިއީ މި އެވޯޑު ކާމިޔާބުކުރި ފްރާންސްގެ ހަވަނަ ކުޅުންތެރިޔާ އެވެ.
ޑެމްބެލޭ ،28، ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 53 މެޗުގައި 35 ގޯލު ކާމިޔާބުކޮށް 14 އެސިސްޓް ހަދައިފަ އެވެ.
އަދި ޕީއެސްޖީގެ ތާރީހުގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް ޑެމްބެލޭ ވަނީ އަދާކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގާއި ފްރެންޗު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު މިފަހަރު ވެސް ހާސިލުކުރީ ބާސެލޯނާގެ ތަރި އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅުނު ޖިއާންލުއިޖީ ޑޮނަރުއްމާ ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލް އެވެ.
އެންމެ މޮޅު ފިރިހެން ކްލަބަކަށް ޕީއެސްޖީ ހޮވުނުއިރު އެންމެ މޮޅު އަންހެން ކްލަބަކީ އާސެނަލް އެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހޯދިއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އިންގްލެންޑްގެ އަންހެން ގައުމީ ޓީމުގެ ކޯޗު ސެރީނާ ވީގްމެން އެވެ.