މިއީ މަދީނާގައި ހިނގައި ދިޔަ ހާދިޘާ އެކެވެ. މިއީ ސުހައިލާ އާއި ފާރޫޤްގެ ވާހަކައެވެ. މި ދެ މީހުން ވަރަށް ލޯބިން ކައިވެނިކޮށް އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔަ އެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެ އެވެ. ބުނެވޭ ގޮތުގައި އެއީ އުމަރު ބުން އަބްދުލް ޢަޒީޒްގެ ޚިލާފަތުގެ ދުވަސްވަރެވެ. އެއީ އެއްވެސް ފަޤީރު މުސްލިމެއް ނެތް ޒަމާނެކެވެ. އެންމެންމެހައި މުސްލިމުން ވަނީ ތަނަވަސްކަމުގައެވެ.
ސުހައިލާ އާއި ފާރޫޤްގެ ކައިވެނި އުވާވެރިކަމާއެކު ތިން މަސް ވޭތުވެ ހިގައްޖެއެވެ. މީސްތަކުންނަށް ޖިހާދަށް ގޮވާލެވުނެވެ. ފާރޫޤު އޭނާގެ ލޯބިވާ އަނބިމީހާ ދޫކޮށް ދިއުމުގެ ވަޤުތު ޖެހިއްޖެއެވެ. އެނާ ގެ ގޭގައި ތިންހާސް ދިރުހަމް ރައްކާކޮށްފައިވިއެވެ. އަދި ސުހައިލާއަށް އޭގެއިން ބައެއް އަތަށް ދެމުން ބުންޏެވެ. މިފައިސާއިން ތިންމަސް ހޭދަކޮށްލާށެވެ! ތިން މަސް ތެރޭގައި ﷲ ގެ ރަޙުމަތާއެކު އަންނާނަމެވެ. އަދި ބާކީހުރި ފައިސާ ފާރޫޤް އަންނަންދެން ރައްކާކޮށްފައި ބެހެއްޓުމަށް އެދުނެވެ. އެއީ އަމާނާތެކެވެ.
ތިންމަސް ފާއިތުވެގެން ހިނގައްޖެއެވެ. ފާރޫޤް އެނބުރިއެއް ނައެވެ. އަހަރެއްވެއްޖެއެވެ. ފާރޫޤްގެ ހަބަރެއް ނުވިއެވެ. ސުހައިލާ އަށް ފިރިހެން ދަރިޔަކު މިންވަރު ކުރައްވައިފި އެވެ.
ދެ އަހަރާއި ބައި ފާއިތުވެއްޖެއެވެ. ފާޜޫޤްގެ ހަބަރެއް ނުވެއެވެ. މީހަކު ހަނގުރާމައިން އެނބުރި އައިސް ފާޜޫޤް ޝަހީދުވެއްޖެ ކަމުގެ ހަބަރުދީފިއެވެ. ފާރޫޤް އެނބުރި ނާންނާނެކަން ސުހައިލާއަށް އެނގުނެވެ. އަދި ފާޜޫޤް ރައްކާކޮށްފައި ބެހެއްޓި ދިރުހަމްގެ ޚަޒާނާ ނެގިއެވެ. ފާރޫޤްގެ ބަހަށް ކިޔަމަންތެރިކަމާއި އެކު އެ ޚަޒާނާއަށް ރައްކާތެރިވުމުގައި އެދުވަހާހަމައަށް ދެމިހުއްޓެވެ. އެޒަމާނަށް ބަލާއިރު އެއީ ވަރަށް ގިނަ ފައިސާއެވެ.
ތިރީސް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އޭނާގެ ދަރިފުޅު ބެލެމުގައި ދެމިހުއްޓެވެ. ކިޔެވުމަށާއި އެހެނިހެން ކަންކަމަށް ޚަރަދު ކޮށް މި ދަރިފުޅު ބަލަނީ ސުހައިލާއެވެ. ތިރީސް އަހަރުވީ އިރުވެސް ސުހައިލާއަށް ފާރޫޤްގެ ހަނދާންތައް ނައްތައެއްނުލެވެ އެވެ. ﷲގެ މަގުގައި ޖިހާދުވި ވަރުގަދަ ޝަޙްސިއްޔަތެއްގެ ގޮތުގައި ދެކެމުންދެއެވެ. އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖިހާދަށް ނިކުން އިރުވެސް ދެފަހަރަށް ފަހަތަށް ބަލައިލިއެވެ.
ސުހައިލާ ފާރޫޤް ދޮރުން ބޭރަށް ގެނދިއުމަށްފަހު ބުންޏެވެ. ﷲ އަށް ތިބާ ބިރުވެތި ނުވަނީ ހެއްޔެވެ؟ މިތަނުން ދެން ބައްދަލު ނުވެއްޖެއްޔާ ސުވަރުގެއިން ބައްދަލުވުމަށް ދުޢާކުރާނަމެވެ. އިންޝާއަﷲ ސުވަރުގެއިން ބައްދަލުވާނަމެވެ. ސުހައިލާއަކީ ދީންވެރި ޞާލިހު އަނބެކެވެ. ފިރިމީހާ ގެއިން ނިކުންނަން ފަސްޖެހުމުން ނެރެ، ޖިހާދަށް ދިއުމަށް ހިތްވަރުދިނީ ސުހައިލާއެވެ.
ތިރީސް އަހަރު ފާއިތުވެގެން ދިޔައިރު މަދީނާ ވަރަށްދުރު އެހެންތަނެއްގައި (ޞީނުކަރައިގެ ރަށްބޭރުގައި) ހުރި މީހެއްގެ ހާލު ވެސް ހުރީ މިފަދައިނެވެ. އެއީ އެތަނުގައިވެސް މުސްލިމުން އުޅެމުންދިޔަ ޒަމާނެކެވެ. ޗައިނާގެ ބޯޑަރު ކައިރީގައެވެ. ރޭގަނޑުގެ ވަގުތެވެ. އަލިފާންގަނޑެއް ޖަހައި އެތަނަށް އަލިކަންވެރިވެފައި ހުއްޓެވެ. މުސްލިމް ހަނގުރާމަވެރިން ޗައިނާގެ ބޯޑަރު ކައިރީގައި ހަނގުރާމަ ކުރަމުން ދިޔައެވެ. އެމީހުންގެ ތެރެއިން އެކަކު ފާލަމެއް މަތީ އޮތެވެ. އޭނާގެ މަސައްކަތަކީ ހަނގުރާމަވެރިން ނިދާފައިތިބޭ އިރު އެތަނަށް ފާރަވެރިވުމެވެ.
އޭނާ ރޭގަނޑުގެ ރީތި ތަރިތަކަށް ބަލައިލިއެވެ. މާޒީގެ ޚިޔާލުތަކުގެ ތެރެއިން އޭނާގެ ލޯބިވާ އަންބެއް ވާކަމުގެ އިޙްސާސް ކުރެވުނެވެ. އޭނާ ކިހިނެތްތޯ، އަދި ކޮބައިތޯ، އެހެންމީހަކާ އިނީތޯ ނުވަތަ ދުނިޔޭގަ ހުރިތޯ ބަލަން ބޭނުންވިއެވެ. މި ހިޔާލުތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ތިރީސް އަހަރު އޭނާ ﷲ އަށްޓަކައި ޖިހާދު ކުރަމުން ދިޔައެވެ. ޝަހީދެއް ނުވެއެވެ. 30 އަހަރު ހަނގުރާމަ ކުރަމުން އެ ދިޔައީ ފާރޫޤްއެވެ. ހަނގުރާމަ ކުރެވެމުން ދިޔައި ޞީނުކަރައިގެ ރަށްބޭރުގައެވެ. ޖިހާދުގެ ފޮނިމީރުކަން އޭނާ އެނބުރި ރަށަށް ދިއުމުން މަނާކުރިއެވެ.
އުއްމަތް ދިފާއުކުރުމާއި ﷲ އަށްޓަކައި ފުރާނަދުއްވާލުމަކީ އޭނާއަށް އެންމެ ލޮބުވެތިކަން ބޮޑު ޢަމަލު ކަމުގައިވިއެވެ. އެހެންނަމަވެސް މިހާރު ގައިބާރު ދެރަވެ މުސްކުޅިވެއްޖެއެވެ. އަބަދު “އަހަރެންގެ އަނބިމީހާ” މިހެން ހިތައް އަރަ އަރާ ހުރެއެވެ. އަނެއްދުވަހު އިރު އެރުމާއެކު ހަނގުރާމައިގެ ކޮމާންޑަރު ކައިރިއަށް ދިޔައެވެ. މަދީނާއަށް ދިއުމުގެ ހުއްދަ ހޯދުމަށެވެ.
އަހަކަށް ސަވާރުވެ ޞީނުކަރައިން މަދީނާއަށް އެންމެ ބާރު ދުވެލީގައި ދަތުރުފެށިއެވެ. މަދީނާއާ ކައިރިވާވަރަކަށް ހިތްތެޅެމުންދެއެވެ. “އޭނާ ދުނިޔޭގައި ހުންނާނެބާ އެވެ؟ އެހެންމީހަކާ އިނީބާ އެވެ؟” މި ޚިޔާލުތަކުން ސިނކުޑި ހާސްވަމުން ދިޔައެވެ. މި ހިޔާލުތަކުގައި މަދީނާއަށް އޭނާއަށް ދެވިއްޖެއެވެ. އަނބިމީހާ ކައިރިއަށް އަވަހަށް ދިއުމަށް ހިތް އެދެމުން ދިޔައެވެ. ނަމަވެސް ރަސޫލާ (صلي الله عليه وسلم) ގެ ސުންނަތުގައި ދަތުރަކުން އައިސް ފުރަތަމަ މިސްކިތައް ދިއުން ސުންނަތްވެގެންވާކަން ހަނދާންވެ މަސްޖިދުއްނަބަވީއަށް ގޮސް 2 ރަކުޢަތް ނަމާދެއް ކުރުމަށް ދިޔައެވެ. އެއީ އަޞްރު ވަގުތު ކަމުން އަޞުރުކޮށްގެން ގެއަށް ދިއުމަށް ނިންމައި މިސްކިތުގައި މަޑުކޮށްލިއެވެ.
މި މަޑުކޮށްލުމުގައި ޢިލްމުވެރިންގެ ގިނަވެފައި އިލްމުވެރިކަން ފާހަގަވެގެންދިޔަ އެވެ. އޭގެ ތެރެއިން އެއް އިލްމުވެރިއެއް ވަކިން ބޮޑަށްފާހަގަވިއެވެ. ޝެއިޚް އަބްދުއް ރަޙްމާން އެވެ. މީހުން ޝެއިޚްގެ ގާތުގައި އެއްވެގެން ވަށާލައިގެން ވިއެވެ.
އަޞްރު ބަންގި ގޮވާ ނަމާދުކޮށް ނިމިއްޖެއެވެ. ގެއަށްދާ ވަގުތު ޖެހިއްޖެއެވެ. ގެއާދިމާލަށް އެންމެ އަވަސްފިޔަވަޅުގައި ދިޔައެވެ. ގެއަށް އާދެވިއްޖެއެވެ. އެހެން ފިރިހެނަކު ގެއަށް ވަންނަ މަންޒަރު އޭނާއަށް ފެނުނެވެ. މިއީ ކާކު ބާއޭ ހިތައް އެރިއެވެ. ހިތްމޮޅިވެރިވެއްޖެއެވެ. ޣީރަތްތެރިވެއްޖެއެވެ. އެމީހާގެ އަތުގައި ހިފާފައި ބުންޏެވެ. މިއީ އަހަރެންގެ ގެއެވެ. އެދެމީހުންގެ މި މައްސަލަ ޒުވާބަކަށްވެ، އެހިސާބު މީހުން އެއްވެއްޖެއެވެ. ގޭތެރޭގައި އިން މުސްކުޅި އަންހެނާ މި އަޑު އިވެން ފަށައިފިއެވެ. އެއީ ފާރޫޤް އަށް ވެދާނެބާއެވެ؟ ނޫނެކެވެ.
މި ހިޔާލުގައި ނިވާވުމަށްފަހު ނިކުތެވެ. އަދި ބާރު އަޑުން ބުންޏެވެ. މިއީ އަހަރެންގެ ފިރިމީހާ ފާރޫޤެވެ. އޭނާ ދޫކޮށްލާށެވެ! އޭނާ އެއައީ 30 އަހަރު ވަންދެން ޖިހާދުކުރުމަށްފަހުގައެވެ. ބަލަން ތިބިމީހުންނަށް ރޮވެން ފެށިއެވެ. އެދެމީހުން ގޭތެރެއަށް ވަނެވެ. އެކި އެކި ވާހަކަތައް ކިޔައިދިނެވެ. ހީސަމާސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. އުފާވެރިކަމުގެ ކަރުނަ ދެމީހުންގެ ލޮލުން ފޭދެމުންދިޔައެވެ.
ސުހައިލާ ބުންޏެވެ. އަހަރެންދޫކޮށްފައި ދިޔައިރަށް ވުރެ ބޮޑަށް އަހަރެން މިވަނީ މުސްކުޅިވެފަ އެވެ. ޒުވާން ރީތި މީހެއްކަމުގައި ކުރީންވީމެވެ. ނަމަވެސް މިއަދު އެރީތިކަމެއް އަހަރެންގެ ނެތެވެ. ފާރޫޤް ބުންޏެވެ. އޭ ސުހައިލާއެވެ! ތިއީ މިދުނިޔޭގަ އަންނަށް އެންމެ ރީތި އަންހެނާއެވެ. އަހަރެން އެންމެ ލޯބިވަނީ ތިބާ ދެކެއެވެ. ދެމީހުން އެކުގައި ރޮއެ މާޒީގެ ވާހަކަތަކުން ހަނދާންކުރަމުން ދިޔައެވެ. ކުއްލިއަކަށް ފާރޫޤް އޭނާ ދޫކޮށްދިޔަ ޚަޒާނާ މަތިން ހަނދާންވިއެވެ. އަދި ބުންޏެވެ. އޭ ސުހައިލާއެވެ! އަހަރެން ބެހެއްޓި ދިރުހަމްކޮޅު ކޮބާ ހެއްޔެވެ؟ ސުހައިލާ ބުންޏެވެ. ފާރޫޤްއެވެ. ސުވާލެއްކޮށްލަން ހެއްޔެވެ؟
ގެއަށް އައުމުގެ ކުރިން މިސްކިތައް ޒިޔާރަތްކުރިންހެއްޔެވެ؟ ދާނެކަން އެނގިހުރެމެ، ސުހައިލާ މި ސުވާލު ކުރިއެވެ. އާނއެކެވެ. ޖަވާބުގައި ފާރޫޤް ބުންޏެވެ. އެއްވެސް ކަމެއް ފާހަގަވި ހެއްޔެވެ؟ ސުހައިލާ އަހާލިއެވެ. ވަރަށް އިލްމުވެރިން އެތާތިއްބެވެ. ޒަމާން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އިސްލާމްދީން ވަނީ ވަރަށްބޮޑަށް ފެތުރިފައެވެ. ސުހައިލާ އަނެއްކާވެސް އަހާލިއެވެ. އެތަނުން އެއްވެސް އާދަޔާ ހިލާފަށް ޢިލްމުވެރި މީހަކު ފާހަގަވިހެއްޔެވެ؟ ފާރޫޤް އާއެކޭ ބުންޏެވެ.
އެފަދަ ޢިލްމެއް އުނގެނުމަށްޓަކައި އެމީހާއަށް ދޭނީ ކޮން އެއްޗެއްތޯ ސުވާލު ކުރިއެވެ. ޖަވާބުގައި ކޮންމެ ފަދަ އަގުބޮޑު އެއޗެއްވެސް ދީފާނެކަމަށް ފާރޫޤް ބުންޏެވެ. ރައްކާކޮށްފައި ބެހެއްޓި ދީނާރުތަށްވެސް ދީފާނަންތޯ ސުހައިލާ ސުވާލު ކޮށްލިއެވެ. އެއްވެސް ޖެހިލުމެއްނެތި އާއެކޭ ފާރޫޤް ބުންޏެވެ. އެއީ ފާރޫޤްގެ ދަރިއަކަށްނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ސުހައިލާ އަހާލިއެވެ. އަދި އެއަށް ވުރެ ގިނައިން ފައިސާ ދޭނެކަމަށް ފާރޫޤް ބުންޏެވެ.
ސުހައިލާ ފާރޫޤް އަށް ބުންޏެވެ. އެއީ ފާޜޫޤްގެ ދަރިއެވެ. އެއީ އަބްދުއްރަޙްމާނެވެ. އޭނާގެ ދަރިއަކީ މަދީނާގައި އޭރު ހުރި ބޮޑު ޢިލްމުވެރިޔެކެވެ. ސުހައިލާ ވަނީ އޭނާގެ ދަރިފުޅުގެ ކިޔެވުމަށް ޖެހުނު ކޮންމެ ޚަރަދެއް ކޮށްފައެވެ. ރައްކާކުރަން ފާރޫޤް ހަވާލުކުރި ދިރުހަމް ހޭދަކޮށްފައިވަނީ އޭނާގެ ދަރިފުޅުގެ ކިޔެވުމަށެވެ.
ފާރޫޤް ބޭރަށް ނިކުމެ ގޮވަންފެށިއެވެ. ޝެއިޚް އަބްދުއްރަހްމާނަކީ އަހަރެންގެ ދަރިއެވެ. އަހަރެންނަކީ ފާރޫޤެވެ. އަހަރެންގެ ދަރިކޮބާހެއްޔެވެ؟ އެތަނުން މީހަކު އައިސް ބުންޏެވެ.
އަހަރެންނަކީ އަބްދުއްރަޙްމާނެވެ. އެއީ ގެއަށް ވަން އިރު އެމީހަކާ ޒުވާބުކޮށް އަރާރުންވި މީހާކަން އެނގުނެވެ. އޭނާ ގެ ދަރިފުޅު ގެއަށް ވަންނަނިކޮށް އެއްޗެހި ކިޔުމުން އެކަމާ ލަދުވެތިވިއެވެ. ދަރިފުޅުގައިގައި ބައްދާލިއެވެ. އުފަލުން ރޮވުނެވެ. އަހަރެންގެ ދަރިފުޅަކީ އާދައިގެ ކުއްޖެއްނޫނެވެ. ޝެއިޚެކެވެ.
ވިސްނާލަމާހެއްޔެވެ؟
އެފަދަ ޒަމާނެއްގައި ޢިލްމު ހާސިލްކޮށް އިސްލާމްދީން އުނގެނި މި ދީން މަތިވެރިކުރުމަށް ޖާނާއި މާލުން ޤުރުބާންވީ އިރު މިއަދު އަހަރެމެންނަށް އިސްލާމްދީނަށްޓަކައި ކޮށްދެވެނީ ކޮން ޚިދުމަތެއްބާ އެވެ؟
މަސްދަރު: އިލްމު.އެމްވީ