މިހާރު ހިނގަމުންދާ ހަނގުރާމައަށް ފަހު ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރުމުގެ އެއްވެސް ރޯލެއް ހަމާސް ޖަމާއަތަށް ނޯންނާނެ ކަމަށް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
ފްރާންސުން އިންތިޒާމުކޮށް އ.ދ ގައި ބޭއްވި ކޮންފަރެންސްގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އައްބާސް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް އަންނަތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށާއި ފަލަސްތީނު ރައްޔިތުން ބޭނުން ވަނީ ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ނިމިގެންދިޔުން ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ގާޒާގައި ވެރިކަން ކުރުމުގެ އެއްވެސް ރޯލެއް ހަމާސް ޖަމާއަތަށް ނޯންނާނެ ކަމަށާއި ހަމާސް އާއި އަދި އެހެން ޖަމާއަތްތަކުން ވެސް ހަތިޔާރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކުރުމަށް ވެސް އައްބާސް ވަނީ ގޮވާލާފަ އެވެ. އަދި ހަމާސް އިން އިޒްރޭލުގެ ރައްޔިތުންތަކެއް ރަހީނުކުރުން ވެސް އައްބާސް ކުށްވެރި ކުރެއްވި އެވެ.
އައްބާސް މިހެން ވިދާޅުވި އިރު ފަލަސްތީނުގެ ދައުލަތް ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ ބަލައިގަންނަމުންނެވެ. އެގޮތުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ގިނަ ގައުމުތަކުން އަންނަނީ ދެން އުފެދޭ ފަލަސްތީނުގެ ސަރުކާރުގައި ހަމާސްގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް ޝަރުތު ކުރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.