Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ރާނީގެ 'މަރުދާނީ 3' ގެ ޕޯސްޓަރެއް

މި އަހަރު ނެޝަނަލް އެވޯޑް ވެސް ލިބޭ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީގެ "މަރުދާނީ 3" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އޭނަ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ މި ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލި އިރު، ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 27 ގަ އެވެ. "މަރުދާނީ" ފްރެންޗައިޒަކީ ރާނީގެ ފިރިމީހާ، އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދެމުން އަންނަ އެއްޗެކެވެ.

މީގެ ތިން ވަނަ ބައިގެ ޑައިރެކްޓަރަކީ އަބިރާޖް މިނަވާލާ އެވެ. އޭނަ އަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި "ސުލްތާން" ގެ އިތުރުން ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ "ގުންޑޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

"މަރުދާނީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2014 ގަ އެވެ. އެ ޑައިރެކްޓްކުރީ 2023 ގައި މަރުވެދައިވާ ޕްރަދީޕް ސަރުކާރެވެ. އަދި 2019 ގެ "މަރުދާނީ 2" އަކީ ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރުގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ. އޭނަ އަށް މި އަހަރު އަލަށް ނެޝަނަލް އެވޯޑް ކަށަވަރުވީ އެ ފިލްމުގައި ކުޅުނު ރޯލުންނެވެ.

ނެޝަނަލް އެވޯޑް ހަފުލާ މިއަދު އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި އޮންނާނެ އެވެ.