Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

މ. އަތޮޅަށް ޕާސްޕޯޓްގެ ހިދުމަތް

މ. އަތޮޅުގައި ޕާސްޕޯޓް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ އަތޮޅުގައި އެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ރޭ މުލީ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެގޮތުން ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

މުޅި ރާއްޖެ އަށް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން އެކަން އިފުތިތާހުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ގަ އެވެ. އެގޮތުން މިހާރު ހުރިހާ އަތޮޅަކުން އައިކީ ކާޑު ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާ އިރު، މ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާ އެކު މިހާރު ޖުމްލަ 15 އަތޮޅަކަށް އެ ހިދުމަތް ލިބޭނެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އަންނަ މަސް ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.