Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ފައިސާއާ ހެދި އުޅޭ ކަމަށް ބުނާތީ އަކްޝޭގެ ރައްދެއް!

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު މާ ބޮޑަށް ފައިސާއާ ހެދި އުޅޭ ކަމަށް ބުނެ ފާޑުކިޔާތީ އެކަމަށް އޭނަ ރައްދު ދީފި އެވެ.

ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދާ ގޮތަށް ގެނެސްދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ "އާޕް ކާ އަދާލަތު" ގައި، އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ޖޮލީ އެލްއެލްބީ 3" ޕްރޮމޯޓް ކުރަން މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގައި ބުނީ އޭނަ "މަނީ މައިންޑެޑް" މީހެއް ގޮތަށް ސިފަކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.

"ފައިސާ ހޯދަނީ އަމިއްލަ އަށް މަސައްކަތްކޮށްގެން، ތަނެއް ލޫޓްވާލައިގެނެއް ނޫން،" ކުޅޭ ފިލްމުތަކުގެ ފެންވަރަށް އިސްކަން ނުދީ، މާ ގިނަ ފިލްމުތަކަށް އެެއްފަހަރާ އެއްބަސްވާތީ އެކަމާ ގުޅުވައިގެން ކުރި ސުވާލެއްގެ ޖަވާބުގައި ކާމިޔާބު އެކްޓަރު ބުންޏެވެ.

އަކްޝޭ ބުނީ ކޮންމެ މީހަކަށް ވެސް ފައިސާ އަކީ މުހިއްމު އެއްޗެއް ކަމަށެވެ. އެކަމަކު ފައިސާ ހޯދަން ބުރަ މަސައްކަތްކުރާ މީހުންނަކީ ފައިސާއާ ހެދި މޮޔަވެފައި ތިބޭ ތިބެއް ބައެެއް ކަމަށް ސިފަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުންޏެެވެ.

"ކޮންމެ މީހަކު ވެސް ފައިސާ ހޯދަނީ މަސައްކަތްކޮށްގެން. އަހަންނަށް ހެޔޮ އަހަންނަކީ މަނީ މައިންޑެޑް މީހެކޭ ކިޔަސް،" ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ ބުންޏެވެ. "އަހަރެން ފައިސާ ހޯދަނީ ލޫޓްވައިގަނެއް ނޫން. ބުރަ މަސައްކަތްކޮށްގެން. އަދި އަހަންނަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ފިލްމީ ދާއިރާގެ މީހުންގެ ތެރެއިން އެންމެ ގިނައިން ދައުލަތަށް ޓެކްސް ދައްކާ އެކަކު."

އަކްޝޭ، 58، އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެކެކެވެ. އޭނަ އަށް އެވްރެޖްކޮށް ފިލްމަކުން 60-165 ކްރޯޑް ރުޕީސް (6.8-18.6 މިލިއަން ޑޮލަރު) ލިބެ އެވެ. އަދި އަކްޝޭ ފާހަގަކުރެވެނީ އެހެން އެކްޓަރުންނާ ހިލާފަށް އަހަރަކު ހަތަރު ފަސް ފިލްމު ކުޅޭ އެކްޓެރެއްގެ ގޮތުގަ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ޖޮލީ އެލްއެލްބީ 3" އަކީ މި އަހަރު ރިލީޒްވި އޭނަގެ ފަސް ވަނަ ފިލްމެވެ. މިދިޔަ އަހަރު ވެސް އޭނަގެ ފަސް ފިލްމެއް ރިލީޒްކޮށްފައިވާ އިރު، އަންނަ އަހަރަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫތު ބަނގްލާ" އާއި "ހައިވާން" ހިމެނެ އެވެ.

އަކްޝޭ އަކީ ކޭޕް އޮފް ގުޑް ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ވަރަށް ތަނަވަސް އެކްޓަރެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ފިލްމު ކުޅެގެން އޭނަ އަށް ވަރަށް ބޮޑު އާމްދަނީއެއް އިރު، އިންޑިއާގައި ކުރިމަތިވާ ކަހަލަ ހާދިސާތަކުގައި ހާލުގައި ޖެހި ގެއްލުންވާ މީހުންނަށް އަކްޝޭ އަބަދު ވެސް ވަރަށް ބޮޑަށް އެހީވަމުން އަންނަކަމެވެ.