Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަނީ

މިދިޔަ އަންގާރަ ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ/ސަން

މިހާރު އަމަލުކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހު މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާ ކުރި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަޖިލީހުގެ ދޮށުގައި ކުރި މުޒާހަރާގައި ކަން ހިނގައި ދިޔަ ގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތާއި، މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެ ދުވަހު ކޮމިޝަންގެ މުވައްޒަފުން ދިޔައީ މުޒާހަރާ ގާތުން ބަލަމުން ކަމަށާއި، ކޮމިޝަންގެ އެންޓި-ޓޯޗާ ސެކްޝަނުން މުޒާހަރާއާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ނިމުމުން ހިއްސާކުރާނެ ކަމަށެވެ.

ނޫސްވެރިންނަށް އަނިޔާވި މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން ހަރަކާތްތެރިވޫ ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރަން ކަމަށެވެ. އަދި އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެ، ފުލުހުންގެ އޮޕަރޭޝަނަށް ހުރަސް އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައި ވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިންނެވެ. އަދި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަން ފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށާއި ނޫސްވެރިންނަށް އަނިޔާކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާ ރޫޅާލުމުގައި ވެސް އަމަލުކޮށްފައި ވާނީ އެފަދަ އެއްވުންތައް ރޫޅާލުމުގައި އަމަލުކުރާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މުޒާހަރާ ރޫޅާލައި، ބައިވެރިން ފަހަތަށް ޖައްސަން ވެސް ބާރުގެ ބޭނުމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާ ފަދަ މޭރުމަކުން ދައުރުކުރާ ފޮޓޯތަކަކީ ވަކި އޭންގަލަކުން ނަގައިގެން ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރާ ފޮޓޯތަކެއް ކަމަށެވެ. އެހެންވެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އަމަލުކުރި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

"މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެ ނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަ މަ، އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.