ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް މާކެޓް ކުރުމަށް "ޝާމިލް" ގެ ނަމުގައި ލޯގޯ ޑިޒައިން ކުރަން ނިންމައި، އެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ މި ލޯގޯ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މަސައްކަތުގެ ދާއިރާގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ މަސައްކަތް ކުރުމަށް ފުރުޞަތުތައް ހޯދައި ދިނުމަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށާއި ވިއްކުމުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ މަޤްޞަދުގައި ތައާރަފު ކުރަން ނިންމި ލޯގޯއެއް ކަމަށެވެ.
"ޝާމިލް" ލޯގޯގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެ ފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމް ކުރުމެވެ. އަދި މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، މީހުން މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ ލޯގޯ ޑިޒައިންކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި ދޭން ނިންމާފައި ވަނީ 5،000ރ. އެވެ.