Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ޓޫރިޒަމަށް އެލާ ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތ. އެލާ ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ހުޅުވައިލީ މި މަޝްރޫއުގެ އިތުރުން ކިނބިދު އާއި ވޭމަންޑޫ ލިންކް ވެސް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށެވެ.

މިއީ މި އަހަރުގެ އޭޕްރިލް 1 ގައި ނެރެފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރެއްގެ ދަށުން ފާސްކޮށްފައިވާ، ކިނބިދު އާއި ވޭމަންޑޫ ލިންކް ތަރައްގީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި އެލާ ތަރައްގީ ކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ގައުމީ މަޝްރޫޢެެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢު ތަންފީޒު ކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. އެ މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލާއި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނުވަތަ ކޮންޓްރެކްޓަ ފައިނޭންސިން އާއި ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އެހެންވެ މި ދެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 4004900 އާއި މެެއިލް [email protected] އިން ހޯދޭނެ އެވެ.