Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

ކޮޅުފުށީގައި އިތުރު 100 ހައުސިން ޔުނިޓް އަޅަނީ

މ. ކޮޅުފުށީގައި އިތުރު 100 ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެ ރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ މިހާރު އިމާރާތްކޮށްފައި ހުރި 100 ހައުސިން ޔުނިޓް މި އަހަރުގެ ނިޔަލަށް ހަވާލުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހަދާފައޮ ހުރި ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން އެ މަސައްކަތް ނިންމާނެ ކަމަށެވެ. އަދި ޙާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާ ވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސެވުން ކަމަށް ވިދާޅުވި އެވެ.

ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ ކުލި 5،000ރ. އިން 3،333ރ. އަށް ކުޑަކޮށް ދެއްވާފައިކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވި އެވެ. "އަމިއްލަ ގޯތީގަ މި މަޝްރޫއުގެ ދަށުން އަޅަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުޞަތު ދޭނަން."