މިންގަނޑަށް ނުފެތޭތީ ކާބޯތަކެތި ވިއްކާ 25 ތަނެއް ބަންދުކޮށްފި އެވެ.
އެތަންތަން ބަންދުކުރީ މާލެ ސަރަހައްދުތަކުގެ ތަންތަން ޗެކްކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލު ގުޅިގެން ފެށި އިންސްޕެކްޝަންގެ ތެރެއިންނެވެ.
އެގޮތުން އިއްޔެއާ ހަމައަށް ބަންދުކޮށްފައި އިން ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން މާލޭގެ 25 ތަނެކެވެ.
ކައުންސިލުން ބުނީ މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތީހުގެ ނިޔަލަށް ކުރިއަށްދާ މި އިންސްޕެކްޝަންގައި ސައި ހޮޓާތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ކެއުންބުއިމުގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ ތަންތަނުގެ އިތުރުން ގަވައިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ.
މި އިންސްޕެކްޝަންގެ ދަށުން އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ ބަންދުކުރާނެ އެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މާލޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދެއްގައި ކައުންސިލާއި އެމްއެފްޑީއޭގެ ޖޮއިންޓް ޓީމެއް ހަރަކާތްތެރިވާ ގޮތަށެވެ.މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ނިމުމުން ވިލިމާލޭގައި ހުރި ތަންތަން ވެސް ބަލާނެ އެވެ.