ދަރިއަކު ލިބުނު ފަހުން ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް ކުޅޭ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ބުނީ މިހާ ދުވަހު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރީ ދަރިފުޅަށް ވަގުތު ދޭން ކަމަށެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ނިއު ދިއްލީ އަށް ނިސްބަތްވާ ވިޔަފާވެރިޔާ އާނަންދު އަހޫޖާއާ 2018 ގައި ކައިވެނިކޮށް އެ ގައުމުގައި އާންމުކޮށް މިހާރު ދިރިއުޅެމުން ވެސް އަންނަ ސޯނަމް ބުނީ އޭނަ މިހާރު ހުރީ ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން މުޅިން ތައްޔާރަށް ކަމަށެވެ.
ދަރިފުޅު ވަޔޫ އަށް މިހާރު 3 އަހަރެވެ.
ރަންބީރް ކަޕޫރާ އެކު 2007 ގެ "ސާވަރިއާ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް މާ ބޮޑު ކުރިއެެރުމެއް ހޯދިފައި ނުވާ ބަތަލާ ބުނީ މަޔަކަށްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެކަމަކު ފިލްމީ މަސައްކަތަކީ ވެސް ވަރަށް ލޯބިވާ ކަމަކަށްވާތީ އެ މަސައްކަތަށް އެނބުރި އަންނަން މިހާރު ކެތްމަދުވެފައި ހުރި ކަމަށެވެ.
"އެހެންވެ އަހަރުގެ ފަހުކޮޅު ފިލްމެއްގެ މަސައްކަތް ފަށާނަން." އޭގެ ތަފުސީލަކަށް ނުގޮސް ސޯނަމް ބުންޏެވެ.
"ނީރްޖާ" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" އަދި "ވީރޭ ދީ ވެޑިން" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ސޯނަމް އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ ކްރައިމް ތުރިލާ "ބްލައިންޑް" އެވެ. މި ފިލްމަކީ 2020 ގައި ވިހެއުމުގެ ކުރިން ކުޅެ، ރިލީޒް ނުކުރެވި ލަސްވެގެން ދިޔަ ފިލްމެކެވެ.
ސޯނަމް، 40، އެނބުރި ބޮލީވުޑަށް އަންނަ އިރު، އޭނަ އޮތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޓެލެންޓް އެޖެންސީއާ އެކު 2023 ގައި ސޮއި ވެސް ކޮށްފަ އެވެ.