ސައޫދީ އަރަބިއްޔާގެ އެންމެ މަތީ އިސް މުފްތީ ސަމާހަތުއްޝައިހު އަބްދުލްއަޒީޒު ބިން އަބްދު ﷲ އާލު ޝައިހު އަވަހާރަވެއްޖެ އެވެ.
ސައުދީގެ އިސް މުފްތީ އަވަހާރަވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށާއި އަދި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި ޚުޠުބާ ދެއްވާފައިވާ ކަމަށެވެ.
އަދިި ސައުދީގެ އިސް މުފްތީގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން ޣައިބަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަބްދުލްއަޒީޒު އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރުއެވެ.
ޝައިހް އަބްދުލްއަޒީޒަކީ ސްކޮލާލީ ރިސާޗް އެންޑް އިފްތާގެ އާންމު ރައީސްގެ މަގާމާއި މުސްލިމް ވޯލްޑް ލީގް (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ ސުޕްރީމް ކައުންސިލްގެ ޗެއާމަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސައުދީގެ އެންމެ މަތީ މުފްތީގެ މަގާމަށް ޝައިހް އަބްދުލްއަޒީޒް އައްޔަން ކުރެއްވީ 1999ގަ އެވެ.